މިމަހު ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާއެކު މަހަށް ފުރާ އޮޑިފަހަރުގެ އަދަދު ބޮޑުތަނުން އިތުރު ވެއްޖެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ކަންނެއްޔާއި ކަޅުބިލަ މަސް ހިމެނޭހެން މަސް ކިރުވާ 25 ދޯންޏެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށާއި މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި، ކޫއްޑޫގެ ބޭރުން މަސް ގަންނަ ބޯޓުފަހަރު ވެސް މިހާރު އޮޕަރޭޝަނަށް ނެރެފައިވާ އިރު، މިފްކޯގެ މަރުކަޒުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މަސް ކިރާފައި ވަނީ ވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށެވެ.

އެގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 22 އުޅަނދަކުން ކަޅުބިލަ މަސް ކިރުވާފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތައް ދައްކައެވެ.

ހަމަ މިއާއެކު ޖުމްލަ އުޅަނދުގެ އަދަދު 25 އަށް އިތުރުވެފައިވާ އިރު، އެ އުޅަނދު ފަހަރަށް 447,900.00ރ. ވަނީ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ މަސް 10 ދޯންޏަކުން ކިރުވާފައިވެއެވެ. އެ އޮޑިފަހަރަށް 64,475.00ރ. ވަނީ ދޫކޮށްފައެވެ.

ސަރުކާރުން ވަނީ މި މަހުގެ ކުރީކޮޅުން ފެށިގެން މަސް ގަންނަ އަގު ކިލޯއެއް 20ރ. އަށް މަތިކޮށްފައެވެ. އަދި ކަންނެލި ކިލޯއެއް ގަންނަނީ 25ރ. އަށެވެ.