މާލޭގައި ހުޅުވާ ލައްޕާ ގޮތަށް ހުންނަ ހުރިހާ ޕާކެއް ކޮންމެ ދުވަހަކުވެސް ދަންވަރު 12 ޖަހަންދެން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އާންމު ޕާކުތަކަކީ ހިތްހަމަޖައްސާލަން ދާން މިހާރު މާލޭގައި ހުރި ހަމައެކަނި ތަންތަންކަން ފާގަކޮށް، އެ ޕާކުތައް ބަންދު ނުކުރަން މިއަދު އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސައިން ފުރުޝާން ހުށަހަޅުވައްވާފައިވާ އިރު، އޭނާ ހުށައެޅުއްވީ ޕާކުތަކަކީ ބަންދުކުރަން ޖެހޭ ތަންތަނަށް ނުވުމުން 24 ގަޑިއިރު އެތަންތަން ހުޅުވާފައި ބެހެއްޓުމަށެވެ.
އެހެންނަމަވެސް ކައުންސިލްގެ ބައެއް މެމްބަރުން ވަނީ އެ ހިޔާލާއި ދެކޮޅުހައްދަވާފައެވެ. އެގޮތުން 24 ގަޑިއިރު ހުޅުވާފައި ބަހައްޓާ ނަމަ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެތި ޕާކުތައް އެބަހުރިކަން ފާހަގަކުރައްވާ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް ވަނީ، 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ބަދަލުގައި ދަންވަރު 12 ޖަހަންދެން ޕާކުތައް ހުޅުވާފައި ބެހެއްޓުމަށް ހުށަހަޅުއްވާފައެވެ.
އެހެންކަމުން ކައުންސިލްގެ ބައްދަލުވުމުން މިއަދު ފާސްކުރީ މާލޭގައި ހުޅުވާ ލައްޕާ ގޮތަށް ހުރި ހުރިހާ ޕާކުތައް ފަތިހު 5:30 އިން ދަންވަރު 12 ޖަހަންދެން ހުޅުވާފަ ބަހައްޓާށެވެ.
މާލޭގައި ކޮންމެ ދުވަހަކުވެސް ހުޅުވާ ލައްޕާ ޕާކުތަކުގެ ތެރޭގައި ސަލްޓަން ޕާކާއި ލޮނުޒިޔާރާތް ޕާކު ހިމެނެ އެވެ. ސަލްޓަން ޕާކާއި ލޮނިޒިޔާރަތް ޕާކު ބަންދުކުރަނީ ރޭގަނޑު 10 ޖަހާއިރުއެވެ. އެހެންނަމަވެސް ދެ ނަމާދު ދޭތެރޭ މިހާރުވެސް މި ދެ ޕާކު ހުންނަނީ ބަންދުކޮށްފައެވެ.