ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މުހައްމަދު ޝަކީލް މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޝަކީލް ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފަ އެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ސަލީމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާއި ހަވާލުކޮށްދެއްވާފަ އެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެންބަރުގެ މަގާމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންވެ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވުމުން، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ޝަކީލަކީ މީގެ ކުރިންވެސް އީސީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2014 އިން 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރެއްވުމުގެ ކުރިން، 2013 އިން ފެށިގެން އެއް އަހަރު ދުވަހު ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އީސީގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި، ހަސަން ޒަކަރިއްޔާ އާއި، އަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ.

ކޮމިޝަންގެ ރައީސްގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. ގާނޫނުގައިވާ ގޮތުގެ މަތިން އެ ކޮމިޝަންގެ ރައީސަކަށް އައްޔަންކުރާނީ، މެންބަރުންގެ އަދަދު ހަމަވުމުން، މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެކެވެ.