ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންނަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.
ދޫނިދޫގައި މިއަދު ނައްތާލައިފައި ވަނީ ބްރޭންޑެޑް ފުޅީގެ 364 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 78 ފުޅި ބަނގުރަލާއި، 25 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހަތް އައިޓަމެކެވެ. މި ތަކެއްޗަކީ 13 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ބަނގުރަލެވެ.
މީގެ އިތުރުން ފުލުހުން މިއަދު ބުނީ އެކި މައްސަލަތަކުގައި ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ވެސް ނައްތާލާފައިވާ ކަމަށެވެ.
މި ޖޫން މަހުގެ 22 ވަނަ ދުވަހު ނައްތާލައިފައި ވަނީ 105 ފުޅި ބަނގުރަލާއި 135 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ މި އަހަރުގެ މާރިޗު 1 އިން އޭޕްރީލް 14 އަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.