ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއިން އުޒްބެކިސްތާނު ބަލިކުރި މެޗުގައި ލަނޑު ޖަހައި، ކްރިސްޓިއާނޯ ރޮނާލްޑޯ، މުބާރާތުގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.

މުބާރާތުގެ ގްރޫޕް ކޭގައި ރޭ މި ދެ ޓީމުު ބައްދަލުކުރި މެޗުން ޕޯޗުގަލް މޮޅުވީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުން ވަނީ 1-1 އިން ކޮންގޯ އަތުން އެއްވަރުވެފަ އެވެ. އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ނުޖެހި، ގޮންގޯ ފަދަ، ޕޯޗުގަލްއާ އަޅާ ބަލާއިރު ދަށް ޓީމެއް ބަލި ނުކުރެވުމުން ރޮނާލްޑޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ނަމަވެސް ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައި ފާޑުކިޔުންތަކަށް ފުރިހަމަ ރައްދެއް ދީފަ އެވެ.

މި މެޗުގައި ލަނޑު ޖަހައި، ރޮނާލްޑޯ ވަނީ ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.

ހިއުސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހަވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ވެސް ރޮނާލްޑޯ އެވެ. އޭގެފަހުން 17 ވަނަ މިނެޓުގައި ނުނޯ މެންޑޭސް ހިލޭ ޖެހުމަކުން ލަނޑު ޖެހި އިރު، 39 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.

ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑަކީ މެޗުގެ 60 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ އަބްދުވޯހިދު ނެމަޓޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗު ނިމެން ދަނިކޮށް ޕޯޗުގަލްގެ ފަހު ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެއް އެރި ރަފައެލް ލެއާއޯ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކީ، ވޯލްޑް ކަޕްގެ ރެކޯޑަކާއެކު، ޕޯޗުގަލްއަށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި 41 އަހަރުގެ ރޮނާލްޑޯ އެވެ.

ގްރޫޕް ކޭގައި ޕޯޗުގަލްއިން އުޒްބެކިސްތާނު ބަލިކުރި ނަމަވެސް، މިއަދު ހެނދުނު 1-0 އިން ކޮންގޯ ބަލިކޮށް މިވަގުތު ގްރޫޕްގެ އެއްވަނައިގައި އޮތީ ކޮލަމްބިއާ އެވެ. ކޮލަމްބިއާއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. އަދި ކޮންގޯ ޕޮއިންޓަކާއެކު ތިންވަނައިގައި އޮތް އިރު، އުޒްބެކިސްތާނު ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓާފަ އެވެ.