މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން، ޖޫން މަހާ ހަމައަށް 1.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާދެމުންދާކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަމަށާއި 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދައްކާ އޮތް ކަމަށެވެ.
48 ގަޑިއިރު ތެރޭގައި މަސްވެރިން ބާނާ މަހަށް ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 1،175،803،626.60 (އެއް ބިލިޔަން އެއް ލައްކަ ހަތްދިހަ ފަސް މިލިޔަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އަށް އަރައެވެ.
މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ސިނާޢަތުގެ ތަރައްޤީ ސަރުކާރުން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން މަސްވެރިކަމާބެހޭ ވަޒީރު ވަނީ ދެއްވާފައެވެ. އަދި މަސްވެރިންނަށް މާލީ އަދި އިދާރީ ފުރުސަތުތައް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.