އެސްޓީއޯއިން ހިންގަމުންދިޔަ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށް މިއަދުން ފެށިގެން 3 ދުވަހަށް ފާމަސީތައް ބަންދުވާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިކަން ހާމަކޮށް އެސްޓީއޯ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނިން ހިންގަމުންދިޔަ ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މިއަދުން ފެށިގެން ފާމަސީތައް ބަންދުވާނެ ކަމަށެވެ.

އެގޮތުން މިއަދާއި މިމަހުގެ 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓު ކުރުއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ވާނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ފާމަސީތަކުގެ މަސައްކަތް ނިމުމުން އެތަންތަނުގެ ޚިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ކުރާނެ ކަމަށްވެސް އެ އެސްޓީއޯ އިން ހާމަކުރެއެވެ.

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ސްޓޭޓް ފާމާއިން މިހާރު ވަނީ އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވާފައެވެ.

ސްޓޭޓް ފާމާއިން ބުނީ ބޭސްފިހާރަތަކާ ހަވާލުވާއިރު ބޭސް ފިހާރުތަކުގައި ހުރި ސްޓޮކް އެނގޭނެހެން އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަން މަސައްކަތް ޖުލައި މަހުގެ ކުރިއަށް ނިންމާލެވޭނެ ކަމަށެވެ.