މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މުޙައްމަދު ޝަކީލު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމުން، މުޙައްމަދު ޝަކީލު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް، އެ މަޤާމުން ޝަކީލު ވަކިކުރައްވާފައިވާ ކަމަށެވެ.

ޝަކީލް ހައްޖުކޯޕަރޭޝަނުގެ އެމްޑީ ކަމުގެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުންދެއްވާފައި ވަނިކޮށެވެ.

މަޖިލީހުން ޝަކީލަށް ރުހުންދީފައިވަނީ އިލެކްޝަންސް ކޮމިޝަނަށް އޭނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް، ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުންނާއި މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ ޝަކީލްގެ ނަމެވެ.

ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ.