ކުޅިވަރާއި ހަށިހެޔޮކަމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ކަންކަމުގައި ދެމިތިބުމުގެ ސިފަ އަށަގަންނުވައި، ފުރިހަމަ ގާބިލުކަން ހާސިލުކުރުމަށް ޒުވާނުންނަށް އެހީތެރިވެދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

ރައީސް އެކަން ތަކުރާރު ކުރެއްވީ އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭއާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސް ވަނީ، ސާބިތު އަޒުމަކާއި، ނަފްސުގެ ހެޔޮ ސުލޫކާއި އާދަޔާޚިލާފު ހިތްވަރާއެކު ކުރިއަށްދާ އެތުލީޓުންނާއި ކޯޗުން، އަދި އުންމީދީ ހުވަފެންތަކެއް ދެކެމުންދާ ޒުވާނުންގެ އަގު ވަޒަންކުރައްވާ، ތަޢުރީފު ކުރައްވާފައެވެ.

އަދި މި މުނާސަބަތަކީ، ކުރެވޭ ވަރުގަދަ، ކޮންމެ ދަތުރެއްގެވެސް ފެށުމަކީ އެޅޭ ފުރަތަމަ ފިޔަވަޅުކަން ހަނދާންކޮށްދޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ކުޅިވަރުގެ ޒަރީއާއިން ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ބަދަހިކަން އާލާކޮށް، ދެމެހެއްޓެނިވި އެކުވެރިކަމުގެ ގުޅުންތަކެއް ބިނާވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.