ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް، އާންމު ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން ފާހަގަކުރެއްވީ ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން.) ޕަބްލިކް ސަރވިސް ޑޭގެ މުނާސަބަތުގައި ރައީސްގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ މެސެޖުގައި ވަނީ، މުޖުތަމަޢުތަކަށް ޚިދުމަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލުކުރުމަށް ބާރުއެޅުމާއި، މުޖުތަމަޢުގެ ފާގަތިކަން ކުރިއެރުވުމަށްޓަކައި އާންމު ޚިދުމަތްތެރިން، އެ ބޭފުޅުންގެ ވަގުތާއި ހަކަތަ ހޭދަކުރައްވައި، ވަރުބަލިކަމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސާބަސް ދެއްވާފައެވެ.

ހަމަމިއާއެކު އެ މަނިކުފާނު ވަނީ، ނަޒާހަތްތެރިކަމާއި، ފަންނީ ހުނަރުވެރިކަމާ އަދި ފުރިހަމަކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ އާންމު ޚިދުމަތްތެރިންނަށް އެއްބާރުލުން ދީ، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން، ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އާންމު ޚިދުމަތްތެރިންނާއި ދަޢުލަތުގެ މުއައްސަސާތަކުން ޤައުމަށާއި ރައްޔިތުންނަށްޓަކައި ސާބިތުކަމާއެކު ވަމުންދާ ގުރުބާނީއަށާއި، މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާ ހިދުމަތަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.