އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފިއެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަޝްރޫޢުއާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢުއާއި، 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ 6 މަޝްރޫޢުއެކެވެ.

އެ ވުޒާރާއިން ބުނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިސްލާމީ ދާއިރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާ ކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ބިނާ ކުރާ ދާރުއްސަލާމް ވަޤްފު ޢިމާރާތް ހިމެނެއެވެ.

މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާ ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މަޝްރޫޢުއަށް ރާއްޖޭން ބޭރުގެ ފަރާތަކުން ފައިނޭންސިންގ ހަމަޖެހިފައިވާކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.