ވޭތުވެދިޔަ ހަފްތާ އެކަނިވެސް ހިމަބިހީގެ ދެ ކޭސް ފެނިފައިވާކަމަށާއި އެގޮތުން ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 22 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހިމަބިހި ނުވަތަ މީސްލްސް އާ ބެހޭ ފަހުގެ މައުލޫމާތު ހާމަކުރުމަށް އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ބުނީ މިއަހަރު ރާއްޖޭގައި މިހާތަނަށް 22 މީހަކަށް ހިމަބިހި ޖެހިފައިވާކަމަށެވެ.
އެޗްޕީއޭއިން ބުނީ ބަލި ހުއްޓުވުމަށާއި، ބަލި ދެނެގަތުމަށް އެ އެޖެންސީއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ސަވައިލެންސްގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.
މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ފަހުން ދޭތެރެ ދޭތެރެއިން އެ ބަލީގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ.