ހދ. ހަނިމާދޫގެ ކައުންސިލަށް ޖުލައި މަހު ގްރާންޓު ދޫކުރާނީ އެ އަތޮޅު ހިރިމަރަދުއަށް ކަނޑައަޅާ ގްރާންޓު ހިމަނައިގެން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާފައިއޮތްނަމަވެސް ހަނިމާދޫ ކައުންސިލަށް ގްރާންޓް ޖަމާވުމުގައި ހިރިމަރަދޫ ކައުންސިލްގެ ގްރާންޓް ފައިސާ ޖަމައެއް ނުވެ އެވެ. މިކަމާ ގުޅިގެން ހަނިމާދޫ ކައުންސިލުން މިފަހުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން ވަނީ އަންނަ މަހުން ފެށިގެން ހަނިމާދޫ ކައުންސިލަށް ހިރިމަރަދޫ ކައުންސިލްގެ ގްރާންޓް ޖަމާކުރަން ފެށުމަށް ނިންމާފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ނުލިބި ހުރި ފައިސާވެސް ހިމަނައިގެން ޖަމާކުރުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

ހަނިމާދޫ ކައުންސިލާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ، ހިރިމަރަދޫގެ ކަންކަން ހަމަޖެއްސުމަށް ހަނިމާދޫ ކައުންސިލަށް ސަރުކާރުން ބަޖެޓު ނުދޭ ކަމަށާއި މިމަހު އެ ރަށުގެ ޚަރަދުތައް ބަލަހައްޓާފައިވަނީ މިއަހަރު ހަނިމާދުއަށް ލިބުނު ގްރާންޓްގެ ތެރެއިންކަމަށެވެ.

އެގޮތުން ހިރިމަރަދޫއަކީ ހަނިމާދޫގެ އަވަށު އޮފީހެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ. ނަމަވެސް އިތުރުވި އާބާދީއަށް ބަޖެޓު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކުރި ޚަރަދުގެ ތަފްސީލް ހަނިމާދޫ ކައުންސިލުން ނެރެފައިވެއެވެ. މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދު ހިމޭނޭހެން 267،780.43 ރުފިޔާ ޖޫން މަހު ހޭދަކުރިކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން ބުނީ، މިއަހަރަށް ބަޖެޓު ހަދާފައިވަނީ އިދާރީ ވަކި ދެ ރަށެއްގެ ގޮތުގައިކަމަށާއި، އެހެންކަމުން ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ ނިންމުމާގުޅިގެން، އިދާރީ މުހިންމު ކަންތައްތަކެއް ހަމަޖައްސަންޖެހޭނެކަމަށެވެ.

އެގޮތުން އެކަންކަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހަމަޖައްސަމުންދާކަމަށް ހަނިމާދޫ ކައުންސިލަށް އަންގާފައިވާނެކަމަށާއި، ގްރާންޓްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަން އަންގާފަވާނެކަމަށް ވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.