ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އައިގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ފްރާންސް އާއި ނޯވޭއިން ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

ފްރާންސުން މުބާރާތް ފެށީ 3-1 އިން ސެނެގާލް ބަލިކޮށްގެންނެވެ. އަދި ރޭ ކުޅުނު ފްރާންސްގެ ދެވަނަ މެޗުގައި އެ ޓީމުން ވަނީ 3-0 އިން އިރާގު ބަލިކޮށް، ބާކީ މެޗެއް އޮއްވައި، ގަަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދާފަ އެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފްރާންސުން ލީޑު ނެގީ 14 ވަނަ މިނެޓުގަ އެވެ. މައިކަލް އޮލީސޭ ދިން ބޯޅައެއް އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ، ގައުމީ ޓީމަށް 100 ވަނަ މެޗު ކުޅެދިން އެ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭ އެވެ.
ފުރަތަމަ ހާފުގެ ވަކި ހިސާބަކުން ވާރޭ ވެހެން ފަށައި، ހާފު ނިމުުނުއިރު މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ދެވަަނަ ހާފުގެ ކުޅުން ފެށުނީ ދޮޅުގަޑިއިރެއްހާއިރު ފަހުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފަށައިގެން މާގިނައިރުތަކެއް ނުވެ، ފްރާންސުން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ. މިއީ އިރާގުގެ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިން ހެދި ގޯހެއްގެ ފައިދާނަގައި، އޮސްމާން ޑެމްބެލޭ ދިން ޕާހަކުން އެމްބާޕޭ ޖެހި ލަނޑެކެވެ.
މި ދެ ލަނޑާއެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕް ތަކުގައި އެންމެ ގިނަ ލަނޑު ޖެހި ލިސްޓުގެ ދެވަނައިގައި އޮތް ޖަރުމަނުގެ މިރޯސްވާ ކްލޯސާއާ އަރާހަމަކޮށްފަ އެވެ. މި ދެ ކުޅުންތެރިން ވެސް 16 ލަނޑު ޖަހާފައިވާއިރު، 18 ލަނޑާއެކު މި ލިސްޓުގެ އެއްވަނައިގައި އޮތީ، ރޭ އޮސްޓްރިއާއާ ދެކޮޅަށް މި ރެކޯޑު މުގުރާލި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސްގެ ތިންވަނަ ލަނޑު ޖަހައިދިނީ، އެންމެ ފަހުން ބެލަންޑޯ އެވޯޑް ހޯދި، ޕީއެސްޖީގެ ތަރި ޑެމްބެލޭ އެވެ.
ނޯވޭއިން ގަދަ 32 ޓީމު ވާދަކުރާ ބުރުގެ ޖާގަ ޔަގީންކުރީ ރޭ 3-2 ގެ ނަތީޖާއަކުން ސެނެގާލް ބަލިކޮށްގެންނެވެ. ނޯވޭއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން 4-1 އިން އިރާގުގެ މައްޗަށް ކުރިހޯދާފަ އެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ނޯވޭއިންނެވެ. އެގޮތުން 43 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ މާކަސް ޕެޑަސެން އެެވެ.
ދެވަނަ ހާފުގެ ކުޅުން ފަށައިގެން ތިން ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ދިން ޕާހަކުން، އާލިން ހާލަންޑް ވަނީ ލަނޑު ޖަހައި ނޯވޭއަށް ލީޑު ފުޅާކޮށްދީފަ އެވެ.
މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ސަދިއޯ މާނޭ ދިން ބޯޅައަކުން އިސްމާއިލާ ސާ ސެނެގާލްއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ފަސް މިންޓު ފަހުން، ނޯވޭގެ އިތުބާރު ފޯވާޑް ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
ސެނެގާލްގެ ދެވަނަ ލަނޑު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ، ފުރަތަމަ ލަނޑުވެސް ޖެހި ސާ އެވެ.
މި ނަތީޖާތަކާއެކު ފްރާންސް އާއި ނޯވޭއިން ދެވަނަ ބުރުގެ ޖާގަ ހޯދި އިރު، ސެނެގާލް އާއި އިރާގަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ގްރޫޕްގެ ފަހު މެޗުތައް އޮންނާނީ ހުކުރު ދުވަހުގެ ރޭގަ އެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް އެރޭ ފްރާންސާއި ނޯވޭ ވާދަކުރާއިރު، އިރާގު ނުކުންނާނީ ސެނެގާލްއާ ދެކޮޅަށެވެ.