ރާއްޖޭގެ ޒަކާތު ހައުސްއިން، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ، ބޯންމެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިއަޔަން ރުފިޔާ ފޯރުކޮށްދީފިއެވެ.

ޒަކާތު ހައުސްއިން ބުނީ، އެކަމަށް ކަނޑައަޅާފައިވާ ފައިސާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއަށް އިއްޔެ ޖަމާކޮށްފައިވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ 21 ފެބުރުވަރީ 2024 ގައި ހެލްތް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.

ތެލެސީމިއާ ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ.

ކާމިޔާބުކަމާއެކު ބޯންމެރޯ ހެދުމުން ބަލި މީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދެއެވެ.

ރާއްޖެއަކީ އާބާދީއަށް ބަލާއިރު ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގައި އެންމެ އާންމު ވައްތަރަކީ ބީޓާ ތެލެސީމިއާ އެވެ. ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ރާއްޖޭގައި ހަ މީހަކުން އެކަކު ކެރިއަރަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ތެލަސީމިއާ ކުއްޖަކަށް ބޭނުންވާ ފަރުވާއަކީ ދަތި އުދަނގޫ ފަރުވާތަކެކެވެ. އެގޮތުން ބަލިކުއްޖާގެ ގަޔަށް މަދުވެގެން މަހަކު އެއްފަހަރު ލޭ އަޅަންޖެހޭއިރު އެކަމަށް ބޭނުންވާ ލޭ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ފަހަރު އާދެއެވެ.