ރާއްޖެ އައި ކްރޫޒްލައިނާއަކުން މިއދު ޒިޔާރާތް ކުރި 700 ވުރެ ގިނަ ފަތުރުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފި އެވެ.

އިމިގްރޭޝަނުން ބުނީ، ކްރޫޒްލައިނާ "އެމްއެސް ވިކިންގް ޔި ޑުން" އިން ރާއްޖެ އައި ފަސިންޖަރުންނާއި ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން މިއަދު ކްލިއަރެންސްދީފައިވާ ކަމަށެވެ.

މީގެ ތެރޭގައި 732 ފަތުރުވެރިންނާއި 486 ކްރޫން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ކަމަށް ވެސް އިމިގިރޭޝަނުން ވަނީ ބުނެފައެވެ.

ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

އެގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމުތަކުގެ ތެރޭގައި ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީވިލާތުގެ އިތުރުން ޖަރުމަނުވިލާތް ހިމެނެއެވެ.