ލޯކަލް ކައުންސިލްތަކަށް ފަންނީ، މާލީ އަދި އެހެނިހެން މަދަދުވެރިކަމާއި އެހީ ފޯރުކޮށްދިނުމަށް އެމްޑީޕީން އޮފީހެއް އުފައްދައިފިއެވެ.
އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި އުފެއްދި އެ އޮފީހުގެ ނަމަކީ "އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް" އެވެ.
އެގޮތުން އެ އޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އެމްޑީޕީގެ ޤަައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް ޢަމީރެވެ.
އެމްޑީޕީން ވަނީ ދާދިފަހުން ”ބޮޑު ބަދަލު“ ނަމުގައި އޮފީހެއް އުފައްދައި އޮފީހުގެ އިސްވެރިއަކަށް ހަސަން ލަތީފް އައްޔަނު ކޮށްފައެވެ.
އެ ޕާޓީގެ އެތެރޭގެ ހިންގުމަށް ބަދަލުތަކެއް ގެންނަން ފަށާފައި ވަނީ އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވެ ވަޑައިގަތުމާއެކު އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުންނެވެ.