އޯލެވެލް އިމްތިހާނުގެ 2024 ވަނަ އަހަރުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ އަންނަ މަހު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިނިސްޓްރީން ދަރިވަރުންނަށް އަންގާފައިވާ ގޮތުން، 2024ގެ ޖަލްސާ ބާއްވާނީ އަންނަ މަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ. އެ ހަފްލާގައި އޭލެވެލް އާއި އޯލެވެލްއިން ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދި ދަރިވަރުންނަށް ވެސް އިނާމު ދޭނެ އެވެ.
މިދިޔަ ޖެނުއަރީގައި ބޭއްވި އޯލެވެލް އިމްތިހާނުގައި 8،218 ދަރިވަރުން އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައި ވެއެވެ.
ދިވެހިރާއްޖޭގައި މަތީ ސާނަވީ (އޭ ލެވެލް) އަދި ސާނަވީ (އޯ ލެވެލް) އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުން ހޮވާ ގަދަ ދިހައެއް އަކީ ކޮންމެ އަހަރަކުވެސް ތަޢުލީމީ ދާއިރާއިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކާމިޔާބީއެކެވެ.
އިމްތިހާނުތަކުން މުޅި ރާއްޖޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ލިސްޓު އެކުލަވާލަނީ އުޞޫލުތަކަކާ އެއްގޮތަށެވެ.
ކޮންމެ އަހަރަކުވެސް ނަތީޖާ އިޢުލާނުކުރުމަށްފަހު، މިފަދަ ޝަރަފުވެރި ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ހާއްސަ އިނާމުތަކާއި ސްކޮލަރޝިޕްގެ ފުރުސަތުތައް ދެއެވެ.