ފަސް މިލިޔަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނާސަރީ އެޅުމަށްޓަކައި ގްރާންޓް ދީފައިވާ ރަށްތަކުގެ ކައުންސިލްތަކާއިއެކު ވަނީ ސޮއިކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާރު 1.6 މިލިޔަން ގަސް އިންދާފައިވާ ކަމަށެވެ. އަދި އަހަރުގެ މިހާތަނަށް 6 ލައްކަ ގަސް އިންދާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނާސަރީއެއް އެޅުމަކީ ފުދޭވަރެއްގެ ބިމެއް ބޭނުންވާކަމެއް ކަމަށާއި ފުރަތަމަ ބަލާފައި ވާނީ 5000 އަކަފޫޓުގެ ބިމެއް ހުރި ތަންތަން ކަމަށެވެ.
އަދި 5000 ގެ އިތުރުން އެ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ވަކި ކަމެއް މިކަމަށް ދެވިފައި ހުރި ރަށްރަށައް ބަލާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެއާއިއެއްކޮށް ކޮންމެވެސް ވަރަކަށް މިކަން ކުރަމުންދާ ރަށްރަށައްވެސް ޚާއްސަކަމެއްދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގްރާންޓް ދީފައިވާ 10 ރަށް:
* ހއ. ކެލާ
* ށ. މިލަންދޫ
* ނ. ކެނދިކުޅުދޫ
* ރ. އިންނަމާދޫ
* ބ. މާޅޮސް
* އއ. މަތިވެރި
* މ. މުލި
* ތ. ކިނބިދޫ
* ތިނަދޫ ސިޓީ
* ގއ. ދާންދޫ
ވަޒީރު ވިދާޅުވީ މި 10 ރަށަކީ މިއީ ފެށުމެއް ކަމަށާއި ކުރިއަށްއޮތް ތަނުގައި މި ނާސަރީތައް ފުޅާކުރަމުން ދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިއަދު ހަވާލުކުރި 5 ލައްކަ ރުފިޔާއަކީ ހަމަ ޚާއްސަކޮށް ނާސަރީ ބިނާކުރުމަށް ދެވޭ ގްރާންޓެއް ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ޓާގެޓްކޮށްފައި އޮތީ އެ ގްރާންޓް ދެވޭތާ 7 މަސް ތެރޭގައި ނާސަރީތައް ނިންމާ އެޅުން ކަމަށް ވަޒީރު ވިދާޅުވިއެވެ.