ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ކޯޓުން މި ހުކުމްކުރީ، ށ. މިލަންދޫ / ސުނީތާހައުސް، އަލީ އިބްރާހީމް (37އ) ގެ މައްޗަށެވެ.
އަލީ އިބްރާހީމް 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ. މި ހުކުމް އިއްވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ އެ އަހަރުގެ މާޗު 13 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.