އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބާއްވާ "އެމްއެސްއެމްއީ ޕިޗް" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ބީސީސީ އާއި އިގްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ބާއްވާ މުބާރާތެކެވެ.
އެމްއެސްއެމްއީ ޕިޗް މުބާރާތުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި އީޖާދީ ވިސްނުމާއި، ވިޔަފާރީގެ ވިސްނުން ކުރިއަރުވައި، އައު ވިޔަފާރި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ދިނުމެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަންޖެހޭއިރު، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ބީސީސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބީސީސީން ބުނީ، މި މުބާރާތަކީ ޒުވާނުންނަށް އެމީހުންގެ ވިޔަފާރި ހިޔާލުތައް ދައްކާލުމަށާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ.
ބީސީސީން ބުނި ގޮތުގައި، މި ހަރަކާތަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، ޒުވާން ވިޔަފާރިވެރިންގެ އީޖާދީ ހިޔާލުތައް ހަގީގީ ވިޔަފާރިތަކަށް ބަދަލުކުރުމަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ބީސީސީ އާއި ވިަޔފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. އަދި މިއީ ޕްރައިވެޓް ސެކްޓަރ ކުރިއަރުވައި، އައު ޖީލުގެ ވިޔަފާރިވެރިން އުފެއްދުމަށް މުޅި ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.