ރަށްވެހިވާން ބޭނުންވާ ރަށުގައި ފަސް އަހަރު ދުވަހު ދިރި ނޫޅުނު ނަމަވެސް އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް އެ ރަށަކަށް ރަށްވެހި ވެވޭގޮތަށް ގާނޫނު ބަދަލުކުރަން އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

"ދިވެހި ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

އެ ބިލަކީ ރަށަކުން ދިރިއުޅުމަށް އެކަށީގެންވާ ބިމެއް ނުވަތަ ތަނެއް މިލްކު ވެފައިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމްކޮށް، މިކަމާގުޅޭ ގާނޫނީ އޮނިގަނޑު މި ޒަމާނުގެ އިޖުތިމާއީ އަދި އިގްތިޞާދީ ހާލަތާ އެއްގޮތަށް ހަރުދަނާ ކުރަން ހަށަހެޅި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވަކި ރަށެއްގައި ރަށްވެހި ވެފައިވާ މީހަކަށް، ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން އަދި ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫން ވެސް ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ، އެރަށެއްގެ ރަށްވެއްސަކަށްވުމަށް އެދި ހުށަހެޅޭނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ މިގޮތަށް ހުށަހަޅާ ފަރާތުން، އެފަދަ ހައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިއުންތައް ހުށަހެޅުމުން، އެ ބިމަކީ، ގެއަކީ، ފުލެޓަކީ ނުވަތަ ދިރިއުޅޭ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފައެވެ.

މިގޮތަށް ރަޖިސްޓްރީ ކުރުމާއެކު، އެ މީހަކު ކުރިން ރަށްވެހި ވެފައިވާ ރަށުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެއެވެ. އަދި އެއްވެސް މީހަކަށް އެއް ވަގުތެއްގައި އެއް ރަށަށްވުރެ ގިނަ ރަށެއްގައި ރަށްވެހި ވެފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ، މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެނީ، އެ ރަށެއްގައި މެދުކެނޑުމެއްނެތި ފަސް އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ކަމަށް އޮންނަ އޮތުން ބަދަލުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުން ކަމުގައި ފާހަގަކޮށްފައި ވެއެވެ.