ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އައްޑޫ ސިޓީގައި ކޯލް ސެންޓަރެއްގެ ޚިދުމަތް އަންނަ ޖުލައި މަހު ފެށުމަށް ނިންމައިފިއެވެ.
އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާމިނަތު ޝިރުނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ކޯލް ސެންޓަރެއް ހުޅުވުމުން އެ އެޖެންސީގެ ކޯލް ސެންޓަރުގެ ޚިދުމަތްދޭ ވަގުތު އިތުރުވެ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 މެދުވެރިކޮށް އެ އެޖެންސީން ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ގުޅޭ މައުލޫމާތު ސާފުކުރެވޭނެއެވެ.
މީގެ އިތުރުން މެޑިކަލް ވެލްފެއާ އާއި ބޭހުގެ އެހީތެރިކަމާއި، ފޯމު ފުރުމުގައި އެހީތެރިކަން ހޯދުމާއި، އެންސްޕާގެ ޚިދުމަތްތަކާ ގުޅޭ އެކި މައުލޫމާތުތައް މި ނަންބަރު މެދުވެރިކޮށް އޮޅުންފިލުވޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.