މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި 1.05 ބިލިއަން ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 959 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާރިޗު މަހުގައެވެ.

އެގޮތުން ޖެނުއަރީ މަހު 221.8 މިލިއަން ރުފިޔާ، ފެބުރުއަރީ މަހު 200.4 މިލިއަން ރުފިޔާ، މާރިޗު މަހު 312.4 މިލިއަން ރުފިޔާ، އޭޕްރިލް މަހު 185.3 މިލިއަން ރުފިޔާ އަދި މޭ މަހު 138.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ނަމަވެސް، މޭ މަހުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 32 އިންސައްތަ ދަށްވެފައެވެ. މި ދަށްވުމަކީ މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މަދުވުމުން ދިމާވި ކަމެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.