ކެޕްޓަން ލިއޮނަލް މެސީގެ ދެ ލަނޑާއެކު 2-0 އިން އޮސްޓްރިއާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ މެސީގެ ހެޓްރިކުން، 3-0 އިން އަލްޖީރިއާގެ މައްޗަށް ކުރިހޯދާފަ އެވެ. އެއާއެކު މެސީ ވަނީ، 16 ލަނޑާއެކު މިހާތަނަށް ވޯލްޑް ކަޕްގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް ޖަރުމަނުގެ މިރޯސްވާ ކްލޯސާއާ އަރާ ހަމަކޮށްފަ އެވެ. އަދި ރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު މުގުރާލާފަ އެވެ.

ޑަލާސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މެސީ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ވަނީ ލަނޑެއް ޖަހައި، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. މިއީ މެޗުގެ 38 ވަނަ މިނެޓުގައި އާޖެންޓީނާގެ ޑިފެންޑަރު ފަކުންޑޯ މެޑީނާ ދިން ބޯޅައެއް އެއްފަހަރުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މެސީ، އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މިއާއެކު، އޭނާ ވޯލްޑް ކަޕް ތަކުގައި ޖެހި ލަނޑުގެ އަދަދު ވަނީ 18 އަށް އަރާފަ އެވެ.

ވޯލްޑް ކަޕްގެ ލަނޑު ޖެހުމުގެ ރެކޯޑުގެ އިތުރުން، މެސީ ވަނީ ރޭގެ މެޗުގައި ފާހަގަކޮށްލެވޭ އިތުރު ދެ ރެކޯޑެއް ވެސް ހަދާފަ އެވެ. އެގޮތުން، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާއި، އެންމެ ގިނަ މޮޅު ހޯދި ކުޅުންތެރިޔާގެ ރެކޯޑު ވެސް މިހާރު އޮތީ މެސީ އަތުގަ އެވެ.

މީގެއިތުރުން، ރޭ މެސީ އަތުން ނާކާމިޔާބުވި ޕެނަލްޓީއާއެކު، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިޔާގެ ރެކޯޑާ ވެސް އޭނާއަށް ވަނީ ހަވާލުވާން ޖެހިފަ އެވެ. މިއީ، ހަވަނަ ވޯލްޑް ކަޕްގައި ކުޅެމުންދާ މެސީ އަތުން މިހާތަނަށް ނާކާމިޔާބުވި ތިންވަނަ ޕެނަލްޓީ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އާޖެންޓީނާއިން މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ފަސް ލަނޑު ޖެހި އިރު، މި ހުރިހާ ލަނޑެއް ވެސް ޖަހައިދިނީ މެސީ އެވެ.

ރޭގެ މެޗުގައި ޖެހި ދެ ލަނޑާއެކު، މެސީ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ. އާޖެންޓީނާގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް 38 އަހަރުގެ މެސީ އެވެ.

މި ގްރޫޕްގައި މިއަދު އަލްޖީރިއާއިން ފަހަތުން އަރައި 2-1 އިން ޖޯޑަން ބަލިކުރުމާއެކު، އާޖެންޓީނާއަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންވެފަ އެވެ. އެގޮތުން ހަ ޕޮއިންޓާއކު އާޖެންޓީނާ އެއްވަނައިގައި އޮތް އިރު، އޮސްޓްރިއާ އާއި އަލްޖީރިއާއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި ދެ މެޗުން ބަލިވުމާ ގުޅިގެން ޖޯޑަން ވަނީ މުބާރާތުން ކަޓާފަ އެވެ.