ހުޅުމާލެ ފޭސް 2 ގެ ޓަވަރެއްގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި 5" ގަ އެވެ. އަދި މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 23:14 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ކުއްޖާއަށް ފުރަތަމަ ފަރުވާދީފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ކަމަށެވެ.
ނަމަވެސް މިހާރު އެ ކުއްޖާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.
މި ހާދިސާގައި އެ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، ހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް އަދި ސާފެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.