ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފިއެވެ.

މިކަންހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް އެ ސަރަހައްދު ބަދަލުކޮށްފައި މިވަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކުރުމުން ތޮއްޖެހުން ބޮޑުވެ އާންމުންގެ ޝަކުވާތައް ލިބެމުން އަންނަ ދަނޑިވަޅެއްގައެވެ.

ސިޓީ ކައުންސިލުން ބުނީ އެ ބަދަލުގެނެސްފައި ވަނީ އެ ސަރަހައްދުގެ ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވަމުން އަންނާތީ ޓްރެފިކް ޕޮލިހުންގެ ފަރާތުން ސިޓީ ކައުންސިލްގައި އެދުމުން ކަމަށެވެ.

މި ބަދަލާއެކު އޯކިޑު މަގުން ނިކުމެ، ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ނިކުމެވޭނެއެވެ.

މި ބަދަލު ގެނެސްފައި ވަނީ ބޭރުމަގުގެ މަސައްކަތް ނިމި މިހާރު ބަންދުކޮށްފައިވާ ސަރައްދު ހުޅުވުމުގެ ނިޔަލަށް ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.

މިގޮތުން މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު އޮތީ ބަންދުކޮށްފައެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ، މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަގުގެ މަސައްކަތް ޖުލައި 26 ގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

އެމްޓީސީސީން މިދިޔަ ހަފުތާގައި ބުނީ އެ މަޝްރޫއުގެ ފޭސް އެކެއްގެ ނަރުދަމާ އާއި ފެން ލައިނު ގުޅުމުގެ 100 ޕަސެންޓް ނިމިފައިވާ ކަމަށާއި، މައި ފެން ހޮޅިލުމުގެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ހަމައެހެންމެ ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމޭނެ ކަމަށެވެ. މީގެ އިތުރުން ސެގްމެންޓް 3 ސަބްގްރޭޑިން މަސައްކަތްތައް ވެސް ފެށުމަށް ރާވާފައިވާއިރު ދުވާރު ހެދުމާއި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.