ރާއްޖޭގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތައް އިތުރުކުރަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވަޒީރު ޝަހީމް ވިދާޅުވީ ޤުރްއާން ހިތު ދަސްކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާތީވެ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ޙާފިޒުން އިމްތިޙާނު ކުރުމުގެ ނިޒާމް އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެއް ވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިޙާން ކުރިއަށް ގެންދިއުމަށް ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތައް އިތުރުކުރަން އެ ވުޒާރާއިން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް ހިންގަމުން އަންނައިރު،
މި ވަގުތު މާލޭގެ ދެ މަރުކަޒެއްގައި އިމްތިޙާން ކޮމިޓީ ކަނޑައެޅިފައި އޮވެއެވެ. އެއީ، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީގައިވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮވެއެވެ.
މީގެ އިތުރުން މި މަސައްކަތުގެ ދަށުން ނައިފަރުގައިވެސް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.