ސިނގިރޭޓަކުން ނަގަމުން އަންނަ 8 ރުފިޔާގެ ޑިޔުޓީގެ ބަދަލުގައި އެ އަދަދަކީ 4 ރުފިޔާކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިޔުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަކަމަށް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރ މުހައްމަދު އިބްރާހީމެވެ.

މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ. އެއަށްފަހު ދެން އޮންނާނީ އެ ބިލަށް ބަހުސްކުރުމެވެ. އެކަމަކު މިއަދުގެ ޖަލްސާގައި އެ ބިލުގެ ބަހުސް ތާވަލުކޮށްފައި ނެތެވެ.

އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

މިގޮތުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިޔުޓީ ދައްކަން ނުޖެހޭގޮތަށްވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ.

މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް އެ އިސްލާހުގައި ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުން ކަމަށެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. އޭރު ބޮޑުކޮށްފައިވަނީ ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމާއި، މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުމަށެވެ. އެހެންކަމުން މިހާރު ޑިޔުޓީ ކުޑަކުރުމަށް ހުށަހަޅާފައިމިވާ މިންވަރާއެކު ސިނގިރޭޓަކުން ނަގާ ޑިޔުޓީ 50 އިންސައްތައަށް ކުޑަވެގެންދިޔައީއެވެ. ސިނގިރޭޓްގެ ޑިޔުޓީ ބޮޑުވުމާއެކު 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.

މީގެ އިތުރުން ސިނގިރޭޓް އަގުބޮޑުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެެވެ. އޭރު ސަރުކާރުން ބުނަމުންދިޔައީ މި ފިޔަވަޅު އެޅީ ރައްޔިތުންގެ ސިއްހީ ފައިދާއަށް ވިސްނާފައި ކަމަށެވެ.