ބައެއް ރަށްތަކުގައި އިމާމުންގެ ދަތިކަން ދިމާވަނީ އެ ފެންވަރު ހުރި މީހުން އެ ރަށްތަކުގައި މަދުކަމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މިހާރު ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެގޮތުން މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން ކަން ފާހަގަ ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި މައްސަލައަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މިނިސްޓްރީން ދަނީ މަޝްވަރާކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގެ އިމާމުންގެ މަގާމަށް މީހުން ލިބުމުގެ ދަތިކަން ހައްލުކުރަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފައިވާއިރު، މި ސަރުކާރުން ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚަތީބުންނާއި އިމާމުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ "ޒުވާން ހަޠީބުން" ތަމްރީން ޕްރޮގުރާމް މިހާތަނަށް 500 އަށްވުރެ ގިނަ ދަރިވަރުން ވަނީ ފުރިހަމަކޮށް ސަނަދު ޙާސިލްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށްކަން ފާހަގަކޮށްލެވެއެވެ.