ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މީގެ ކުރިން ރަށްރަށުގައި ހިންގާފައިވާ "ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް" (ސީބީޑީއާރުއެމް) ޕްރޮގްރާމްގެ އޮނިގަނޑު މުރާޖާކުރުމަށްފަހު އެކުލަވާލި އައު އޮނިގަނޑު "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ" (ސީބީ.އާރްބީ)ގެ ދަށުން ކުރިއަށް ގެންދާ މުދައްރިބުން ތަމްރީން ކުރުމުގެ ޕްރޮގްރާމް (ޓްރެއިނިންގ އޮފް ޓްރޭނާސް) ނުވަތަ ޓީ.އޯ.ޓީ ތަމްރީން ފަށައިފިއެވެ.

މި ތަމްރީނުގައި އެންޑީއެމްއޭ އާއި ދިވެހި ރެޑް ކްރެސެންޓާއި ދިވެހި ފުލުހުންގެ ހިދުމަތް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ފަރާތުން ޖުމްލަ 20 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ، މި ތަމްރީނު ފުރިހަމަ ކުރާ ބޭފުޅުންނަކީ، ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ސީބީއާރުބީ ޕްރޮގްރާމްތައް ހިންގައި، ކާރިސާތަކަށް މުޖުތަމައު ތައްޔާރުވެފައިވާ މިންވަރު އިތުރުކޮށް، ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ފަރާތްތަކަށް ވެގެންދާނެ ކަމަށެވެ.

"ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް" ގެ އޮނިގަނޑު މުރާޖާކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ވިލުންތެރި ރާއްޖޭގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޔޫއެންޑީޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު އެންޑީއެމްއޭ އިން ކުރަމުންދާ މުހިއްމު މަސައްކަތަކެއް ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.