"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި މިދިޔަ އަހަރަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން، ބީސީސީއިން ބުނެފިއެވެ.

ބީސީސީއިން ބުނީ މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު 31 އޮގަސްޓުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން މިއަހަރުގެ މައުރަޒުގައި މިހާތަނަށް އައިއިރު މިދިޔަ އަހަރަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން ފާހަގަކޮށް ބީސީސީއިން ބުނީ މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިވެފައިވަނީ 240 މީހުން ކަމަށްވީއިރު، މިއަހަރުގެ މައުރަޒުގައި މިހާތަނަށް 279 މީހުން ބައިވެރިވެފައިވާކަމަށެވެ.

31 އޮގަސްޓުގެ ކުރިން ބައިވެރިވުމަށް އެޕްލައިކުރެވޭއިރު، 30 ސެޕްޓެންބަރު ގެ ކުރިން އުފެއްދުމާއި ބެހޭ ތަފްސީލް ހިމެނުމަށް ފުރުސަތު ލިބޭނެކަމަށް ބީސީސީއިން ވަނީ ބުނެފަ އެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ ކޮންޓެންޓަށް ހާއްސަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ވަނީ ތައާރަފްކޮށްފައެވެ. މިއީ އިސްލާމީ ތައުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ގައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ބީސީސީއިން ދެކެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.

އެގޮތުން މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެއެވެ. މިއަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.