ފަރުކޮޅުފުށީގައި ރޭ ހިންގި މާރާމާރީގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި އެވެ.
ފުލުހުން ރޭ ބުނީ ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެެއް ހިންގި ކަމުގެ މަޢުލޫމާތު މިރޭ 18:37 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އެގޮތުން މި މާރާމާރީގައި 2 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ އަނިޔާވި 2 މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެތަނުން 21 އަހަރުގެ މީހާއަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.