ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކަރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމްއެވެ.

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލް ބަލައިގަނެފައިވަނީ 66 މެންބަރުންގެ ވޯޓާއެކުއެވެ. އެހެން ކަމުން މި ބިލް ދިރާސާކުރުމަށް އިންފޮމޭޝަން އެމްޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު"ގައި ބަޔާންކޮށްފައިވަނީ، މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ދިވެހިރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްޤުތަކާއި، މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުންކަމުގައެވެ.

މި ބިލުގައި ޑޭޓާ ޕްރޮސެސް ކުރާ ފަރާތްތަކާއި ކޮންޓްރޯލް ކުރާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި ރެކޯޑު ބަލެހެއްޓުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ޑޭޓާ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޕްރޮސެސް ކުރާ ފަރާތްތަކުން ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަންޖެހޭ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.