ޑިޖިޓަލް ބިލަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމަށް އޮތް އެންމެ ކުރުމަގު ކަމުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މުފީދު މިފަދައިން ވިދާޅުވީ، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މި ބިލު މުހިންމު ވަނީ ޑިޖިޓަލް އިގްތިސާދަކަށް ބަދަލުވުމުންކަން ފާހަގަ ކުރައްވައި މެމްބަރު މުފީދު ވިދާޅުވީ، ދިވެހި އުފެއްދުންތަކާ ހިދުމަތްތަކުގެ އިތުރުން ހާއްސަކޮށް ފަތުރުވެރިކަމާ މަސްވެރިކަމުގެ ދާއިރާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަ ކަމާއެކު ގަނެ ވިއްކުމުގެ ފުރުސަތު ޑިޖިޓަލް ބިލުގެ ސަބަބުން ފަހިވެގެން ދާނެތީ ކަމަށެވެ.

" މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ މާކެޓުތަކަށް ވަނުމަށް އެންމެ ކުރު މަގު ކަމުގައި ވުމީ މި ބިލު އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ވެގެން ގޮސް ގާނޫނަކަށް ވެގެންދާ ދިއުމުގައި އެންމެހާ ދިވެހި ރައްޔިތުންނަށް ފަހިވެގެންދާ ދިއުން އެއީ އަޅުގަނޑުމެން މިއަދު މިދެކޭ ކުރިއެރުން"

މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު

މުފީދު ވިދާޅުވީ ދިވެހި ރާއްޖޭގައި ސިޓީ ބިޓީ ބަދަލުކުރި ޒަމާނަށް ވުރެން ދުނިޔެ މިހާރު ތަހުޒީބު ވެފައިވާ ކަމަށާއި، އެގޮތުން ޓެކްނޮލޮޖީގެ އެހީގައި ގައުމު މިހާރު އެތައް ހަރުފަތްތަކެއް ހުރަސް ކޮށް ދުނިޔެ ތަރައްގީވެފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާލާނީ މިއަދު އަޅުގަނޑުމެން އެބަ ޖެހޭ ދުނިޔެ ތަހުޒީބީ ތަރައްގީގެ ތެރެއަށް މި ކުޑަ ކުޑަ ދިވެހި ރާއްޖެ ވެސް ވަދެވިގެން އަޅުގަނޑުމެން ކުރިމަގުގައި އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް އެ މަގު ކޮށާ ފަހިކޮށްދޭން"

މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު

މެމްބަރު އިތުރަށް ވިދާޅުވީ، ހިދުމަތްތަށް ޑިޖިޓަލް ކުރުމުން ކަރުދާހަށް ކުރާ ހޭދަ ކުޑަވެ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުން އަވަސް ވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.