ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވާކަން އާއިލާތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާއިން މިދިޔަ މަހުގެ ތަފާސްހިސާބުތައް އާންމު ކޮށްފައިވާ އިރު، ކުޑަކުދިންނާ ގުޅޭ 81 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކުރި ކަމަށް އެ ތަފާސް ހިސާބުން ދައްކައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ.
އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 25 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައިވެ އެވެ. އެއީ 19 އަންހެން ކުއްޖަކަށާއި ހަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.
މީގެ އިތުރުން ކުދިންނަށް އަޅާނުލުމުގެ 18 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އަދި ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ޖިސްމާނީ އަނިޔާގެ 8 މައްސަލައެއް، ބުލީގެ ހަތް މައްސަލައަކާއި ސައިބާ ބުލީގެ ހަތަރު މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ހަމަމިއާއެކު ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ވެސް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން 8 މައްސަލައަކީ ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ މައްސަލަތަކެވެ.
ވުޒާރާގެ 1،412 ހެލްޕްލައިނަށް މިދިޔަ މަހު 1،379 ކޯލް ލިބިފައިވާއިރު، 1421 އަށް 626 ކޯލް ލިބިފައިވެ އެވެ. ތަފާސްހިސާބުތަކުގައިވާ ގޮތުން ވުޒާރާ މެދުވެރިކޮށް 161 ކައުންސެލިން ސެޝަން ބާއްވާފައިވާއިރު، 44 މީހަކަށް ސައިކޯސޯޝިއަލް ސަޕޯޓް 44 ދީފައިވެ އެވެ.