ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން ތަރައްޤީ ކުރާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހަފުތާގެ ތެރޭގައި ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަމުން ބިނާރާ ގެދޮވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މިހަފުތާގެ ތެރޭގައި 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުންފުނިތަކާއި ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިމަޝްރޫޢުގެ މަސައްކަތް 5 ކުންފުންޏަކަށް ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި މިއީ، 100 އިންސައްތަ ދިވެހި ކުންފުނިތަކެއްކަން ނާޒިމް ވަނީ ފާހަގަކުރައްވަފައެވެ.

ނާޒިމް ވިދާޅުވީ، ކޮންމެ ކުންފުންޏަކުންވެސް ކުރާނީ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށެވެ. މީގެތެރެއިން ކޮންމެ ކުންފުންޏަކާ ޙަވާލުކުރާ މަޝްރޫޢުގެ ތެރެއިން 60 ޔުނިޓަކީ 2 ކޮޓަރި ކަމަށާއި، 140 ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓުތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިމަޝްރޫއުގެ މަސައްކަތް ކުރަމުނީ، ހުޅުމާލެ ފޭސް 2 ގައެވެ. އަދި މި 2 ކޮޓަރިތަކުގައި 700 ފޫޓު އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެއިތުރުން މިއިމާރާތްތަކުގެ ފިނިޝިންއާއި އިމާރާތުގެ ކުރިމަތީގައި އޮންނަ ޖާގަ ފަދަ ކަންކަން ކުރީގެ މަޝްރޫޢުތަކާއި ތަފާތުވާނެކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.