ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސްޕެއިން ކުޅުނު ދެވަނަ މެޗުން 4-0 ގެ ނަތީޖާއަކުން ސައުދީ އަރަބިއާގެ މައްޗަށް ކުރިހޯދައިފި އެވެ.

ސްޕެއިން ވަނީ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ކޭޕް ވާޑާ ބައްދަލުކޮށް 0-0 އިން އެއްވަރުވެފަ އެވެ. މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ގުނާ ސްޕެއިނަށް، ގްރޫޕްގެ އެންމެ ބަލި ޓީމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ކޭޕް ވާޑް އަތުން ލަނޑެއް ނުޖެހި އެއްވަރުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

ނަމަވެސް މިރޭ ސްޕެއިން ވަނީ ސައުދީގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ދެވަނަ ބުރުގެ އުއްމީދު އާކޮށްފަ އެވެ.

ސްޕެއިން މިރޭގެ މެޗަށް ނުކުތީ، ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. ދާދިފަހުން އަނިޔާއިން ސަލާމަތްވި ޔަމާލް ކޭޕް ވާޑް މެޗުގައި ކުޅެން އެރުވީ ދެވަނަ ހާފުގަ އެވެ.

އެޓްލަންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިނުން ލަނޑު ޖަހައި ލީޑު ނެގި އެވެ. މެޗުގެ 10 ވަނަ މިނެޓުގައި މިކޭލް އޮޔާޒަބާލް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ތަރި ލަމީން ޔަމާލް އެވެ. މިއީ އަލަށް ވޯލްޑް ކަޕްގައި ކުޅޭ ޔަމާލް މުބާރާތުގައި ޖެހި ފުރަތަމަ ލަނޑެކެވެ.

އޭގެފަހުން އޮޔާޒަބާލް ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ސްޕެއިންގެ ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ މި ދެ ލަނޑު ޖެހީ 21 ވަނަ މިނެޓާއި 24 ވަނަ މިނެޓުގަ އެވެ.

ސްޕެއިންގެ ފަހު ލަނޑަކީ ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި މާކް ކުކުރެޔާ ފޮނުވާލި ބޯޅަ ސައުދީގެ ކީޕަރު މަތަކުރި ވަގުތު އެ ޓީމުގެ ޑިފެންޑަރު ހަސަން އަލްތަމްބަކްތީގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް ފެރާން ޓޮރޭޒް މެޗުގެ ފަހުކޮޅު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކީ، ސްޕެއިނަށް ދެ ލަނޑު ޖަހައިދީ، ފުރަތަމަ ލަނޑުގައި ވެސް ހިއްސާވި މިކޭލް އޮޔާޒަބާލް އެވެ.

މި ނަތީޖާއާއެކު ސްޕެއިން މިވަގުތު ގްރޫޕް އެޗްގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. އަނެއް ތިން ޓީމަށް ވެސް ލިބިފައިވަނީ ޕޮއިންޓެކެވެ.

މި ގްރޫޕްގެ ކުރިއަށް އޮތް މެޗުގައި މިރޭ ކޭޕް ވާޑް ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 3:00 ގަ އެވެ.