އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ވަގު ސެޓްފިކެޓްތަކެއް ދޫކުރި މައްސަލައެއް ތަކުރާރު ކުރުމުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖު ޖޫރިމަނާ ކޮށްފި އެވެ.
އެމްކިއުއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައަކާ ގުޅިގެން، މި އަހަރުގެ ކުރީކޮޅު އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން ވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެހެން ކަމުން އެކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު، ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖު މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ވަނީ ބުނެފައެވެ.
ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް އެ ބަޔާނުގައި ބުނެފައެއް ނެތެވެ.
އަދި އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެ އިން ބޭރުގައި ހިންގުމާ ބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ހިންގުމަކީ މަނާ ކަމަކަށް ވާއިރު، އޭގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާ މެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވާ ކަމަށް އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެމްކިއުއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.