ސިނގިރޭޓަކުން ނަގާ ޑިޔުޓީއަކީ 4 ރުފިޔާކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިޔުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަކަމަށް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް މިބިލު އެޖެންޑާކޮށްފައިވާއިރު ސަރުކާރުގެ ފަރާތުން މިބިލު ހުށަހަޅުއްވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރ މުހައްމަދު އިބްރާހީމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިޔުޓީ ދައްކަން ނުޖެހޭގޮތަށްވެސް މިބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައިވާ ގޮތުން ސިނގިރޭޓާއި ބިޑި އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިޔުޓީ ވަނީ ކޮންމެ އެއްޗަކުން 4 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އެއީ 30 އިންސައްތަކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި މިފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިޔުޓީއަކީ 0 އިންސައްތަކަމަށް ވަނީ ކަނޑައަޅާފައެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. އޭރު ބޮޑުކޮށްފައިވަނީ ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމާއި، މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުމަށެވެ. އެހެންކަމުން މިހާރު ޑިޔުޓީ ކުޑަކުރުމަށް ހުށަހަޅާފައިމިވާ މިންވަރާއެކު ސިނގިރޭޓަކުން ނަގާ ޑިޔުޓީ 50 އިންސައްތައަށް ކުޑަވެގެންދިޔައީއެވެ. ސިނގިރޭޓްގެ ޑިޔުޓީ ބޮޑުވުމާއެކު 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.

ސިނގިރޭޓް އަގުބޮޑުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއެެވެ. އޭރު ސަރުކާރުން ބުނަމުންދިޔައީ މިފިޔަވަޅު އެޅީ ރައްޔިތުންގެ ސިއްހީ ފައިދާއަށް ވިސްނާފައިކަމަށެވެ.

އޭގެފަހުން މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ 3 ރުފިޔާ 50 ލާރި ނަގަމުން އައިސް 8 ރުފިޔާއަށް ޑިޔުޓީ ބޮޑުކުރީ ވޭޕް މަނާކުރުމުން ގިނަ ބަޔަކު ސިނގިރޭޓަށް އެނބުރިދާނެކަމަށް ދިރާސާތަކުންނާއި ތަޖުރިބާކާރުންގެ ލަފައިން ދެއްވުމުން ކަމަށް ވިދާޅުވެފަވެ.

އެހެންކަމުން އެއީ ސަރުކާރުން ނިންމި ވަރަށް އުނދަގޫ ނިންމުމެއްކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ދިރާސާކުރުމަށްފަހު ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް މިހާރު ރާއްޖެއަށް ލަފާދީފައިވާތީ، ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އެއްބަސްވެވޭނަމަ އެ ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.

އޭގެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ ބަދަލު ކަމަށް ވިދާޅުވެފައެވެ.