ފަރުކޮޅުފުށީގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދީފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެެއް ހިންގި ކަމުގެ މަޢުލޫމާތު މިރޭ 18:37 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

އެގޮތުން މި މާރާމާރީގައި 2 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އަނިޔާވި 2 މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެތަނުން 21 އަހަރުގެ މީހާއަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.