މާލެ ސިޓީ ކައުންސިލަށް ތަކުރާރުކޮށް ސިޓީ ފޮނުވައިގެންވެސް "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" އަޅަން ބިން ދޫކޮށްފައިނުވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ މާލޭގެ މާރުކޭޓްތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމުންނާއި ވިޔަފާރިވެރީންނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށެވެ.
އަދި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ކޮންޓްރެކްޓަރާ މަސައްކަތުގެ ސައިޓް ހަވާލުކުރުމަށްޓަކައި އެ ސަރަޙައްދުގެ ބިން މިނިސްޓްރީއާ ހަވާލުކޮށް ދިނުމަށް އެދި މާރޗް 29، 2026 ގައި މަޝްރޫޢުގެ ތަފްސީލީ ކުރެހުންތަކާއެކު މާލޭ ސިޓީ ކައުންސިލަށް ހުށައަޅާފައިވާ ކަަމަށެވެ. އަދި އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާތީ އޭގެ ފަހުން މިހާރުގެ ލޯކަލް މާރުކޭޓް ހުރި އިމާރާތް ހުސްކުުރުމަށް ފަހު އޭޕްރީލް 18، 2026 ގެ ކުރީން ބިން ހަވާލުކޮށްދިނުމަށް އެދި އޭޕްރީލް 12، 2026 ގައި ދެވަނަ ފަހަރަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށާއިއެ ސިޓީއަށް ވެސް ކައުންސިލުން ޖަވާބެއް ނުދިން ކަމަށާ ނަމަވެސް އެއްބަސްވުމުގެ ދަށުން ބިން ހަވާލުކޮށްދިނުމަށް ކޮންޓްރެކްޓަރުގެ ފަރާތުން މިނިސްޓްރީގައި ތަކުރާރުކޮށް އެދެމުންދާތީ މެއި 7، 2026 ގެ ކުރީން ހަވާލުކޮށް ދިނުމަށް އެދި މެއި 3، 2026 ގައި އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ މުއްދަތުގައި ބިން ހަވާލުކޮށްފައިނުވާތީ މެއި 31، 2026 ގެ ކުރީން ބިން ހަވާލުކުރުމުގެ ކަންކަން ނިންމައިދިނުމަށް އެދި މެއި 18، 2026 ގައި މިނިސްޓްރީން ވަނީ އިތުރު ސިޓީއެއް ފޮނުވާފައެވެ.
ނަމަވެސް މިނިސްޓްރީން ބުނީ އޭގެ ފަހުން ކައުންސިލުން ވަނީ އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް މިނިސްޓްރީއަށް އަންގާފައި ކަމަށާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާޗް 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޑެޓާ ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން، މަސްމާރުކޭޓް ސަރަޙައްދު ތަރައްޤީކުރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވުން ކަމަށް ހާމަކޮށްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ބޭނުންތެރި މަޝްރޫއެއް ކަމަށާއި މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަޙްރޫމްވާނޭ ކަމެއްކަމަށެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް މި މުހިންމު ޚިދުމަތް ފޯރުކޮށްދިނުމަށް މަޝްރޫޢުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުން ކަމަށެވެ.