އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވައުދާ އެއްގޮތަށް "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ އޮފީހެއް އެމްޑީޕީގެ އެތެރޭގައި އުފައްދައިފި އެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން ހުށަހަޅައި މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާ ގޮތަށް އެ ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޮޑު ބަދަލުގެ އޮފީސް ގާއިމްކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޮޑު ބަދަލު އޮފީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެގެންދާނީ ރާއްޖެއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ހިންގުން ކަމަށެވެ.

އޭގެތެރޭގައި ވޯކްޝޮޕްތައް ހިންގުން، ސެމިނާތައް ހިންގުން، އަދި ކަމާގުޅޭ ޖަލްސާތައް ހިންގުން ހިމެނޭކަމަށް ނަޝީދު ވިދާޅުވި އެވެ.