ބ. ދަރަވަންދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.
އެހެންކަމުން ބ.އަތޮޅުގެ 2 ރަށުން މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް މި ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެގޮތުން ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް"ގެ ގޮތުގައި އޭދަފުށި އަދި ދަރަވަންދޫ ޚިޔާރުކުރެެވޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
މި ޚިދުމަތް އެ ރަށުގައި ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދުއެވެ.
މި ހަފްލާގައި ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙު އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މި ޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެއެވެ.