ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތުތައް ސައްހަތޯ ބެލުމުގެ ގޮތުން ކުރަންޖެހޭ "ކްރޮސް ވެރިފިކޭޝަން" ނުވަތަ މައުލޫމާތު އަޅާކިޔުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ހުށަހަޅާފައިވާ ފޯމުތަކުގައިވާ މައުލޫމާތުތައް ދައުލަތުގެ އެހެނިހެން އިދާރާތަކުގައި ހުރި މައުލޫމާތާ އަޅާކިޔައި ޔަގީންކުރުމުގެ މަރުހަލާ ކަމަށެވެ.
އެ މަރުހަލާގައި މައިގަނޑު ގޮތެއްގައި ބަލާނީ ފޯމު ހުށަހެޅި ފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން ޔަގީންކުރުން ފަދަ މުހިންމު ކަންކަމަށް ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ހުށަހަޅާފައިވާ ފޯމުތަކުގެ އަދަދު ގިނަވުމާއެކު، މި މަސައްކަތަށް ވަގުތު ހޭދަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އިމާރާތްކުރުމުގެ މަސައްކަތުގެ މާ ކުރިން އިދާރީ މަސައްކަތްތައް ފެށީ، ކަންކަން އެންމެ ފުރިހަމައަށް އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ވަގުތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ. މީގެ ކުރީގެ މަޝްރޫއުތަކުގައި ދައުރު ނިމެން ކައިރިވުމުން ފުރުސަތު ހުޅުވާލުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި މައްސަލަތަކާއި ޝަކުވާތައް މިފަހަރު ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
އެ ވައުދުފުޅު ފުއްދުމަށްޓަކައި، އިމާރާތްތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އިދާރީ ގޮތުން ކުރަންޖެހޭ ތައްޔާރީތައް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން، މިއަހަރުގެ ޖެނުވަރީ 18 ވަނަ ދުވަހު ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ، ކުރިން ބޭނުންކުރި ޕޯޓަލް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ހިޔާލާއި މަޝްވަރާއާއެކު އުސޫލުތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ބައިލައްކައަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35,900 އަށްވުރެ ގިނަ އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހެޅި 22,000 އަށްވުރެ ގިނަ އެޕްލިކޭޝަން ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ރައްޔިތުންނަށް އެތަންތަނުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.