ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026"ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ވަނީ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުން މި ފޯރަމުގައި ތަގުރީރު ކުރައްވާފައެވެ.
މި ފޯރަމް ހުޅުވުމުގެ ކުރިން، އދ. ގެ ގްލޯބަލް ސެންޓަރު ފޯ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބާޓް ބޮޝް ފައުންޑޭޝަން ގުޅިގެން ބޭއްވި "ލީޑާސް ގާލާ ޑިނާ" ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއިރު، މިއީ ފޯރަމްގެ ކުރިން، އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މާނަހުރި މަޝްވަރާތަކެއް ކުރުމަށް، ފޯރަމްގެ ބައިވެރިންނަށް ލިބިވަޑައިގެންނެވި ފުރުސަތެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މުހިންމު ސެޝަންތަކެއްގައި ބައިވެރިވެވަޑައިގެން، ތަގުރީރުތައް ދެއްވާފައެވެ.
އެގޮތުން، ލީޑަރުންގެ މަތީ ފަންތީގެ ސެޝަންގައި ތަޤުރީރުކުރައްވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހި، މައްސަލަތަކާ ކުރިމަތިލުމުގައި، ނާޒުކު ގައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ކްލައިމެޓް ފައިނޭންސް (މޫސުމީ މާލީ އެހީ) އިތުރުކުރުމަށް، ނައިބު ރައީސް ގޮވާލެއްވިއެވެ.
މީގެ އިތުރުން މިފަދަ މަސައްކަތްތަކުގައި މުޖުތަމައުތަކުގެ ކިބައިގައިވާ ތަހައްމަލުކުރުމުގެ ގާބިލުކަން އިސްކުރަންޖެހޭ ކަމަށާއި، ހިޖުރަކުރަން ޖެހުނު ނަމަވެސް، އެކަން ވާންޖެހޭނީ ރޭވުންތެރިކަމާއެކު، އަމިއްލަ އިހްތިޔާރުގައި، އަދި އަބުރުވެރި ގޮތެއްގައި ކުރެވޭ ކަމަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ކުރިއަށް ގެންދެވި މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގައި ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، އެޑަޕްޓޭޝަން ނުވަތަ އަހުލުވެރިވުން އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަންޖެހޭ ކަމަށާއި، ވެރިކަން ހިންގުމުގެ ހުރިހާ ފަންތިއެއްގައި ކޯޑިނޭޓް ކުރެވިފައިވާ ބައިވެރިވުންތަކެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މުޖުތަމައުތައް ބޭނުންވާ ތަނެއްގައި އަބުރުވެރިކަމާއެކު ދެމިތިބުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
އެމަނިކުފާނު ވަނީ ޗެމްޕިއަންސް ބްރެކްފާސްޓްގައި، ފޯރަމުން ނުކުތް މުހިންމު ނަތީޖާތަކާ މެދު ވިސްނުން ހިންގަވައި، ގުޅުންތައް ބަދަހިކުރައްވައި، "ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ" ހާސިލުކުރުމަށް ހުރި ވައުދުތައް ކުރިއެރުވުމަށް އެމަނިކުފާނު ހިތްވަރުދެއްވާފަ އެވެ.
މި ފޯރަމްގެ ތެރެއިން، ނައިބު ރައީސް ވަނީ ކްލައިމެޓް މޮބިލިޓީގެ އުސޫލުތަކާ ގުޅޭގޮތުން ރާއްޖޭގެ ވިސްނުންތަކާއި ތަސައްވުރު ހިއްސާކުރައްވައި، ނާޒުކު ގައުމުތަކަށް މޫސުމީ މާލީ އެހީތެރިކަމާއި އެޑަޕްޓޭޝަންގެ ފިޔަވަޅުތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، ވާހަކަފުޅުދައްކަވާފައެވެ.