ސިވިލް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމުތަކަށް ތިން ބޭފުޅަކު އައްޔަނުކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު އިއުލާނުގައި ވަނީ އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި އެ ފަރާތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެ ކަންތަކުގެ މަދުގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ އިތުރުން، އޭނާ އަކީ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން ވެސް އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައި އެމީހާ ވާންޖެހޭނެ ކަމަށްވެސް އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ެެއެގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 37،700 ރުފިޔާ ހަމަޖެހިފައިވާއިރު، އެލަވަންސްގެ ގޮތުގައި 22،300 ރުފިޔާގެ އިތުރުން މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިގެންދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 1 ޖުލައި 2026 ގެ ނިޔަލަށް މިކަމަށް އެދި އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ.
އަދި އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ކައުންޓަރަށް މި މުއްދަތުގެ ތެރޭގައި ހާޑް ކޮޕީ ހުށައެޅޭނެ ކަމަށް ވެސް ޖޭއެއްސީގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ޖޭއެސްސީން ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތެއްވާނަމަ 3303501 ނަންބަރަށް ގުޅުމަށް އެދިފައެވެ.