ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެދަށުން އަލަށް ހަދާ ސަރަހައްދުގައި ތާރުއެޅުމުގެ ކުރިން ވާންޖެހޭ ފަހުގެ މަސައްކަތްތައް ފަށައިފިއެވެ.

އެމްޓީސީސީން މީޑިއާ އަކަށް މައުލޫމާތުދެމުން ބުނީ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން މަގު އެއްވަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި ހިސާބަށް މިހާރު ސަބް ގްރޭޑިންގެ މަސައްކަތް ނިމިފައިވާކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.

މިއީ މިހާރު ހަދަމުންގެންދާ ސަރަހައްދުގެ ގާތްގަނޑަކަށް 50 އިންސައްތަ އެއްވަރުކޮށް ނިމުން ކަމަށް ވީއިރު، އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ މިހަފްތާގެ ނިޔަލަށް އިއްޒުއްދީން ފާލަމާއި ހަމައަށް މަސައްކަތް ނިންމުމަށެވެ.

އެކުންފުނިންދަނީ ތާވަލާ އެއްގޮތަށް މިމަޝްރޫއު އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްޓީސީސީން މަސައްކަތް ކުރަމުންދާ ތާވަލަށް ބަލާއިރު މިމަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ކުރިން އޮތީ ނިންމާފައެވެ.

މަގު އެއްވަރުކުރުމުގެ މަސައްކަތަށްފަހު ދެން ކުރިއަށްދާނީ ތާރުއެޅުމުގެ މަސައްކަތެވެ. އަދި މިދިޔަ ހަފްތާގެތެރޭގައި ބޮޑުތަކުރުފަނު މަގުގައި މައި ފެންހޮޅި ވަޅުލުމުގެ މަސައްކަތްވެސްވަނީ ނިންމާފައެވެ.

މާލެއަށް ދަތުރުކުރާ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކުވެސް ލަފާފުރުމަށް ބޭނުންކުރާ މިސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުން އޭގެ ފައިދާ ލިބިގެންދާކަން އެމަގު ބޭނުންކުރާ އެތައް ބަޔަކުވަނީ ފާހަގަކޮށްފައެވެ.