ދީނަށް ތެދުވެރި، ޤައުމަށް ވަފާތެރި، މަސައްކަތުގައި ފަރުވާތެރި ފަޚްރުވެރި ދިވެހިދަރިޔަކަށްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފައެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ތަރައްޤީއަކީ އިންސާނާއަށް އަންނަ ބަދަލަކަށް ކިޔާ ނަމެއްކަމަށާއި، ތަޢުލީމަކީ އިންސާނާ ތަރައްޤީކޮށްދޭ ވަސީލަތެއްކަން ސިފަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އަދި އެކަމަނާ ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޚްލާޤުތަކެއް ހުންނަކަން ހަނދާންކޮށްދެއްވާފައެވެ.

ޢިމާދުއްދީން ސްކޫލުގައި އޮތް މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މިއާންޒް ކޮލެޖަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކޮލެޖުން ދެއްވާ ހަނދާނީ ފިލާ، އެބޭފުޅުންނާ ޙަވާލުކޮށްދެއްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއާންޒް ކޮލެޖަކީ ކުރުމުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމީޔާބީއަށް ވާޞިލުވި މުއައްސަސާއެއްކަން ފާހަގަކުރައްވައި، ޤައުމީ ފެންވަރެއްގައި ރަނގަޅު ތަރުބަވީ އާޖީލެއްގެ ބިންގާ އެޅުނީތީ މުޅި ދައުލަތްވެސް އުފާކުރާކަމުގައި ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މިއާންޒް ކޮލެޖުގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ހަދިޔާއެއް އަރުވާފައިވެއެވެ. މިއާންޒް ކޮލެޖުގެ ފަރާތުން އެކަމަނާއަށް ހަނދާނީ ހަދިޔާ ހަވާލުކޮށްދެއްވީ، އެ ކޮލެޖުގެ ފައުންޑަރ އަދި ޗެއަރމަން، އަޙްމަދު މުއްތަކީއެވެ.

މީގެ އިތުރުން، މިއާންޒް ކޮލެޖުގެ "ސްޓޫޑަންޓް އެސޯސިއޭޝަން އެގްޒެކެޓިވް ކޮމިޓީ" އިޢުލާންކުރުމާއި، "މިއާންޒް"ގެ ރަސްމީ ލަވަ އިފްތިތާޙްކުރުންވެސް ރޭގެ ރަސްމިއްޔާތުގައި އޮތެވެ. އަދި މިއާންޒް ކޮލެޖަށް 5 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނާއި، 10 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުންވެސް މި ރަސްމިއްޔާތުގައި އޮތެވެ.

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ދަޢުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވެވަޑައިގަތެވެ.