ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވެއްޖެއެވެ.

ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި އިސްލާމީ މަރުކަޒުގައިކަމަށެވެ.

ޝެއިޚް އިސްމާއީލަކީ ރާއްޖެ ދުށް ވަރުގަދަ ޢިލްމުވެރިއެކެވެ. އެއީ އެތައް ޢިލްމުވެރިންނެއް އުފެއްދެވި ހިތްވަރު ގަދަ ލީޑަރެކެވެ. އަމިއްލަފުޅު ޚަރަދުގައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާއިރު، މާފަންނު ތައިބާ މިސްކިތް ހުރި ބިމަކީ ޝެއިޙްގެ އަމިއްލަފުޅު ބިމެކެވެ.

ޝެއިޚް އިސްމާއީލަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ކިޔަވައި ނިންމި އެންމެ ފުރަތަމަ ދިވެހި ދަރިވަރެވެ. ވަރަށް ގިނަ ޢިލްމީ ފޮތްތައް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ޝެއިހް އިސްމާއީލަކީ އިލްމު ފެތުރުމާއި އިލްމީ މީހުން ބިނާކުރެއްވުމުގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެންމެ މުހިންމު އެއް މަސައްކަތަކަށް ފާހަގަ ކުރެއްވީ ޤުރުއާންގެ ތަފްސީރު އެއްކޮށް ދިވެހި ބަހުން ލިޔުއްވުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތްޕުޅު މިހާރު ވަނީ އެއްކޮށް ފުރިހަމަ ކުރައްވާފަ އެވެ.

ޝައިޚުގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ އިލްމުވެރީން ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އިބްން ބާޒުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި 27 އަހަރު ޕާކިސްތާނުގައި ތައުލީމް ދެއްވަން ހުންނެވި އެވެ. ތަޢުލީމީ ހަޔާތަށް ފަހު ރާއްޖެ ވަޑައިގެން ޠައިބާ ސުކޫލު ބިނާކުރެއްވި އެވެ. ދިވެހީންނަށް ދީނީ ތަޢުލީމު ފޯރުކޮށް ދިނުމުގައި އެ ސުކޫލު އަދާކޮށްފައި ވަނީ ފާހަގަކޮށްލެވޭ ފަދަ ދައުރެކެވެ.

ޝެއިހް އިސްމާއީލް ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.